ކުނި މެނޭޖުކުރުން

އަމިއްލަ ވެށި ހަލާކުކޮށްލައިފި

ލިޔުނީ: Asima Nizar 15 Jun 2026
އަމިއްލަ ވެށި ހަލާކުކޮށްލައިފި
ރަށެއްގައި ބަހައްޓާފައިވާ ކުނިތަކެއް.-- ފޮޓޯ: ޝަފްރާޒު އަހުމަދު

ތިމާވެށި ހިމާޔަތްކުރަން އަމިއްލައަށް ވެސް ބައިވަރު ކަންކަން ކުރެވޭނެ އެވެ. އެކަމަކު، އަމިއްލަ ޒިންމާއެއް ނެތި، ހުރިހާ ކަމެއް ހަލާކުކޮށްލައިފި އެވެ.

އަހަރެމެން ވަރަށް ފަހުރުވެފައި ބުނާނެ އެވެ. މިއީ ދުނިޔެ މަތީގެ ސުވަރުގެ އެވެ. މި ފަދަ ރީތި މަންޒިލެއް އެހެން ތަނަކުން ހޯދުމަކީ ނުވާނެ ކަމެކެވެ. އަހަރެމެންގެ ވަށައިގެންވާ އެ ހުދު ދޮންވެއްޔާއި ސާފު މޫދުން ހިތަށް ލިބޭ ހިތްހަމަޖެހުން ބޮޑެވެ. އަދި އެ ރީތިކަމުން އުފާވެރިކަން ހޯދަން ދުނިޔޭގެ އެކި ހިސާބުތަކުން ދަތުރު ހަދާފައި ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު ރާއްޖެ އާދެ އެވެ. އެކަމަކު، އަހަރެމެން މި ތިބީ އެ ހުރިހާ ކަމެއް އަމިއްލަ އަތުން ހަލާކުކޮށްލައިގެންނެވެ.

އެންމެ މިސާލެކެވެ.

މާ ބޮޑު ޕްލޭންތަކެއް ނެތި ބިލިއަނުން ރުފިޔާ ހަރަދުކޮށްގެން ހިއްކި ބިންތަކުން ލިބުނު މޮޅެއް ވެސް ނެތެވެ. ސިޔާސީ މަންފާއަށް ބިންތައް ހިއްކި ގޮތަށް އެ ހުރީ އެގޮތުގަ އެވެ. ނަމަވެސް، ވިސްނުމެއް ނެތި ފަޅުތަކާއި ރަށްތައް ހިއްކައިގެން ގުދުރަތީ ވެށި ވީ މަރެވެ އެވެ. ވަގުތީ ހިތްހަމަޖެހުމަށް ގެނައި ބަދަލުން ތިމާވެއްޓަށް ލިބުނީ ދާއިމީ ގެއްލުމެކެވެ. އެތައް ފަޅެއް ހަލާކުވެ، ކަނޑުގެ ދިރުންތައް ނެތި ގޮސްފި އެވެ. ކަނޑުއަޑީގެ ރީތިކަން ދެކިލަން އަންނަ ޓޫރިސްޓުންނަށް މިހާރު މި ފެންނަނީ މަރުވެފައިވާ މުރަކަތަކެވެ.

ތިމާވެށީގެ ނިވަލުގައި އޮވެ ހިންގާ "ޖަރީމާ"

ތިމާވެށި ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުތަކަށް ބޭރުގެެ އެކި ތަންތަނުން ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ދެ އެވެ. ވޯލްޑު ބޭންކުން މީގެ ދެ އަހަރު ކުރިން، މާޗު 2024 ގައި އާއްމުކުރި ރިޕޯޓު ދައްކާގޮތުން ތިމާވެށީގެ އެކި ކަންކަމަށް ބޭރުގެ އެހީގެ ގޮތުގައި ރާއްޖެއަށް އެވްރެޖުކޮށް އަހަރަކު 74.5 މިލިއަން ޑޮލަރު ލިބެ އެވެ.

އެ އެހީއަށް، 2015 އިން 2024 ވަނަ އަހަރު 745 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ވޯލްޑު ބޭންކުގެ ނަމްބަރުތަކުން ދައްކަ އެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ ބޭނުމުގައި އެތައް މިލިއަން ޑޮލަރުގެ އެހީ ހޯދިއަސް އޭގެ އަނެއް ފަޅިން ސަރުކާރުތަކުން ކޮށްފައިވާ އަދި ކުރަމުންދާ އަމަލުތައް ހުރީ މުޅިން އިދިކޮޅަށެވެ.

މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ޝާއިއުކުރި ދިރާސާއެއްގައި ރާއްޖޭގެ ތިމާވެށީގެ ބޮޑު މައްސަލަތަކެއް ވަރަށް ތަފުސީލުކޮށް ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓު ބުނާގޮތުން 2000-2004 ވަނަ އަހަރާ ދޭތެރޭގައި ރާއްޖެއިން 4،000 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކާފައިވާ ކަމަށެވެ. ރާއްޖޭގެ 69 ރަށެއްގައި 109 މަޝްރޫއު ހިންގައި، ޖުމްލަ 4,198 ހެކްޓަރަށް ވުރެ ބޮޑު ބިން ހިއްކާފައިވެ އެވެ. މިއީ، މުޅި އެފްރިކާ އަދި ޔޫރަޕް ބައްރު އެއްކޮށްލުމުން ވެސް ބިން ނުހިއްކާ ވަރެވެ. 

ނަމަވެސް، އެންމެ ބޮޑު މައްސަލައަކަށް ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ގިނަ އަދަދެއްގެ ބިން ހިއްކިޔަސް، އެ ބިންތަކުގެ ބޭނުން ނުހިފާ ފަޅަށް ބާއްވާފައި އޮތުމެވެ.

ދިރާސާގައިވާ ގޮތުން ރާއްޖޭގައި 2010 ވަނަ އަހަރުގެ ކުރިން ބިން ހިއްކުން ވަރަށް މަދެވެ. އެކަމަކު، 2008 ގައި އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފަށައި މަލްޓި-ޕާޓީ ޑިމޮކްރެޓިކް ނިޒާމަށް ބަދަލުވި ފަހުން ބިން ހިއްކުން އިތުރުވެފައިވެ އެވެ. އެންމެ ގިނަ މަޝްރޫއު ފަށާފައި ވަނީ 2023 ވަނަ އަހަރު އެވެ. 

ތިމާވެށީގެ މައްސަލަތަކުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރި "ސޭވް މޯލްޑިވްސް" އިން މިދިޔަ އޭޕްރީލް މަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެދޮރާއި ބޯހިޔާވަހިކަން އަދި ބިންހިއްކުމަކީ ކޮންމެ ސިޔާސީ މީހެއްގެ ސިޔާސީ ހަޔާތުގެ އަންބާ ކަމަށެވެ. އެއާއެކު، ދެން ހިއްސާކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ޅ. ހިންނަވަރުގައި މީގެ 16 އަހަރު ކުރިން ހިއްކި ބިން އޮތް ހާލަތެވެ.

އެ ޖަމިއްޔާއިން ހިއްސާކުރި ފޮޓޯ ދައްކާގޮތުން، ނެދަލެންޑުގެ ބޮސްކާލިސް ކުންފުންޏަށް 197 މިލިއަން ރުފިޔާ ދީގެން ހިއްކި ބިންތަކުގައި އިތުރު އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ސޯޅަ އަހަރުވީ އިރު ވެސް އެ ތަނުން ގެދޮރުގެ އަސަރެއް ފެންނާކަށް ނެތް! ސަރުކާރުތަކުން މި ކުރަނީ ކީއްތަ؟" ވިލިމާލޭގެ ފުނަވާ ހިމާޔަތްކުރުމުގެ ސޯޝަލް މީޑިއާގައި ހިންގި ކެމްޕެއިންގެ ތެރެއިން ކުރި ޕޯސްޓެއްގައި ސޭވް މޯލްޑިވްސް އިން ބުންޏެވެ.

ދިރާސާއިން ދައްކަނީ ނުރައްކަލުގެ ރަނގަބީލު

އޮސްޓްރޭލިއާގެ ފްލިންޑާސް ޔުނިވާސިޓީން މީގެ ހަ އަހަރުކުރިން، 2020 ވަނަ އަހަރު އާއްމުކުރި ދިރާސާއަކުން ދައްކާގޮތުގައި ރާއްޖޭގައި މަސްމެހާމެހި، ޕްލާސްޓިކް ކެއުމުގެ މައްސަލަ އޮތީ "އިކޮލޮޖިކަލް ކްރައިސިސް" އެއްގަ އެވެ. ރާއްޖޭގެ ކަނޑުފަޅުތަކުން ބާނާ ބައެއް ބާވަތްތަކުގެ މަހުގެ ގޮހޮރާއި ބަނޑުތެރޭގައި، 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް މައިކްރޯޕްލާސްޓިކްގެ އަސަރު ހުރިކަން ދެނެގަނެވިފައިވާ ކަމަށް އެ ދިރާސާގައި ބުންޏެވެ.

ޅ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ނައިފަރުގެ ވަށައިގެންވާ ފަޅުތެރެއިން މައުލޫމާތާއި ސާމްޕަލް ނަގައިގެން ހެދި ދިރާސާއިން ދައްކާގޮތުގައި ފެނުގެ ކޮންމެ ކިލޯއެއްގައި 55-1127.5 ޒައްރުގެ މައިކްރޯޕްލާސްޓިކް ހުއްޓެވެ. މިއީ އިންޑިއާގެ ޓަމިލްނާޑޫ ކައިރިން ރިކޯޑު ކުރެވިފައިވާ މިންވަރަށް ވުރެ ދެ ގުނަ ބޮޑު އަދަދެކެވެ. 

އާއްމު ތަންތަނަށް ޕްލާސްޓިކް ފުޅި އުކުން ހުއްޓާލައި ޑަސްބިނަށް އެޅުމަށް ބާރުއަޅައި އާއްމު މީހަކު އެކްސްގައި ކޮށްފައިވާ ޕޯސްޓެއް.

ރާއްޖޭގެ އިތުރު ރަށްރަށް ކައިރިން ވެސް، ނައިފަރު ކައިރިން ފެނުނު އަދަދާ ކައިރި ކުރާ ވަރަށް މައިކްރޯޕްލާސްޓިކް ފެނިފައިވާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ފްލިންޑާސް ޔުނިވާސިޓީގެ ކަނޑުގެ ދިރުންތަކާ ބެހޭ ތަޖުރިބާކާރުން ބުނާގޮތުގައި އެ މުރަކަ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކަކީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް މައިކްރޯޕްލާސްޓިކް ނުވަތަ ކުދި ޕްލާސްޓިކް އެތިކޮޅުތައް އެންމެ ގިނައިން ހުރި އެއް ހިސާބެވެ.

ރާއްޖެއިން ޕްލާސްޓިކް މަދުކުރަން އުފައްދާފައިވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިން 2021 ވަނަ އަހަރު އާއްމުކުރި ދިރާސާއިން ވެސް ދެއްކީ ފްލިންޑާސް ޔުނިވާސިޓީގެ ނަތީޖާއާ އެއް ގޮތަށެވެ.

މޯޕާ އިން ހޯދާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި އުފެދޭ ޖުމްލަ ކުނީގެ 12 ޕަސެންޓަކީ ޕްލާސްޓިކެވެ. ފެން، ކޯކު އަދި ސްޕްރައިޓް ފަދަ އެކި ކަހަލަ ބުއިންތައް ބަންދުކުރުމަށްޓަކައި ވެސް ރާއްޖޭގައި އަހަރަކު 143 މިލިއަން ޕެޓް ފުޅި އުފައްދަ އެވެ. އެއީ 3،300 ޓަނުގެ ޕްލާސްޓިކް ކަމަށް އެ ތަފާސްހިސާބުން ދައްކަ އެވެ.

ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަންޖެހޭ

ތިމާވެއްޓާ ގުޅުން ހުރި ބޮޑެތި ކަންކަމުގައި ގޮތް ނިންމުމަކީ ގިނަ ފަހަރަށް އެ ރަށްރަށުގެ އަމިއްލަ މީހުންގެ އަތް މަތީގައި އޮތް ބާރެއް ނޫނެވެ. ނަމަވެސް، ތިމާވެށި ރައްކާތެރިކުރުމުގައި އަމިއްލަ ފެންވަރުގައި ވެސް ކުރެވޭނެ އެތައް ކަމެއް އެބަހުއްޓެވެ. މޫދަށް ކުނި ނޭޅުމަކީ އޭގެ އެއް ކަމެވެ.

ތިޔަ ބޯން ގެންގުޅުނު ފެންފުޅި ހުސްވުމުން ޑަސްބިނެއް ފެންނަން ދެން މަޑުކޮށްލާށެވެ. އެކަމަކު، އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މޫދެވެ. އެއަށްފަހު، އަތުގައި ހުރި ބާރުމިނެއް ލާފައި އެ ފެންފުޅި އެއްލާލަނީ މޫދަށެވެ. އެ ފުޅީގެ ބައިތައް ފަހުން މި ފެންނަނީ މަހުގެ ބަނޑުންނެވެ. އަހަރެމެންގެ ލޭ ނާރުކަމަށް ބުނަމުން ދިޔަ ކަނޑުގެ ވެށި ވެސް ހަލާކުކޮށްލީ އެވެ.

މި ފަދަ ކަންކަމާ ހެދި ކުނީގެ މައްސަލަ ހައްލުކުރަން މި ފަހުގެ ތާރީހެއްގައި ރާއްޖެއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅަކީ ޕްލާސްޓިކް ފުޅި މަނާކުރުމެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ގެންދާ އެ މަސައްކަތުގައި، އެންމެ ފުރަތަމަ 2021 ވަނަ އަހަރު މަނާކުރީ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓް ފުޅި އެވެ. އޭގެ ފަހުން، އޭޕްރީލް 18، 2023 އިން ފެށިގެން އަންނަނީ ޕްލާސްޓިކް ކޮތަޅުން ވެސް ޓެކްސް ނަގަމުންނެވެ.

އެއް ލީޓަރާއި އެއަށް ވުރެ ކުދި ފެންފުޅި އެތެރެކުރުމާއި އުފެއްދުން 2028 ވަނަ އަހަރުން ފެށިގެން މަނާވާނެ އެވެ.

ނަމަވެސް، ހެނދުނު ހެނދުނާ ރާއްޖޭގެ ރަށްރަށުގެ އަތިރިމަތީގައި ހިނގާލާއިރު ފެންނަ މަންޒަރުތަކަށް ބަލާއިރު މި ބަދަލުތައް އިތުރަށް ހަރުކަށިކުރަންޖެހެ އެވެ.

ބ. އަތޮޅުން ރާއްޖެއަށް ރަނގަޅު މިސާލެއް

ޕްލާސްޓިކް ފުޅިއާއި ކޮތަޅާ ދެކޮޅަށް ސަރުކާރުން ފިޔަވަޅުތައް އެޅުމުގެ ކުރިން އެކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރި އެއް ތަނަކީ ބ. އަތޮޅުގެ ކައުންސިލްތަކާއި އެ ދާއިރާގެ މެމްބަރުންނާއި ރިސޯޓުތައް ހިންގާ ބައެއް އޯނަރުންނެވެ.

ޖުލައި 4، 2019 ގައި އެ އަތޮޅުން ފޮނުވި ހުޅުވާލެވިފައިވާ ސިޓީގައި ބުނީ ކުނީގެ ސަބަބުން ރާއްޖޭގެ ރީތީކަން ގެއްލިދާނެކަމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. އެތަނުގެ ގުދުރަތީ ރީތިކަމަށާއި ހިތްގައިމުކަމަށް ނަން މަޝްހޫރު އިންޑޮނޭޝިއާގެ ބާލީއަށް މިއަދު ދިމާވެފައިވާ ޕްލާސްޓިކް ކުނީގެ މައްސަލަ ފަދައިން، ދުނިޔެމަތީގެ މި ސުވަރުގެ ވެސް ޕްލާސްޓިކް ކުނީގެ ސަބަބުން ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެ ސިޓީގައި ވެ އެވެ.

އެހެންވެ، އެކަންކަމާ ދެކޮޅަށް ފިޔަވަޅު އަޅައިދިނުމަށް ސިޓީގައިވެ އެވެ.

އެއާއެކު، ސިޓީގައި ބުނީ އެ އަތޮޅު މާޅޮހުގައި ގާއިމްކޮށްފައިވާ ފެން ކުންފުނިން ޕްލާސްޓިކް ފުޅި ދޫކޮށް، އެ ރަށުގެ ފިހާރަތަކަށާއި ގޭގެއަށް ބިއްލޫރި ފުޅީގައި ފެން ފޯރުކޮށްދޭ ކަމަށެވެ. އަދި ބ. އަތޮޅު ދަރަވަންދުއަށް ވެސް އެ ފެން ޕްލާންޓުން ފެން ފޯރުކޮށްދޭން ފަށާފައިވެ އެވެ.

މިއީ، ރާއްޖެ ކަހަލަ ނާޒުކު ތިމާވެއްޓެއް އޮތް އަދި ޓޫރިޒަމަށް އެކަނި ބަރޯސާވާ ކަހަލަ ގައުމެއްގައި ކޮންމެހެން ވެސް ވިސްނާލަންޖެހޭ ކަމެކެވެ.

ނަމަވެސް، އަހަރެމެންގެ އަމިއްލަ އަމަލުތަކުން ވެއްޓަށް ބޮޑެތި ގެއްލުންތައް ލިބެ އެވެ. ބައެއް ފަހަރު ސިޔާސަތުގައި ހުރި ބަލިކަށިކަމުންނެވެ. އަނެއްބައި ފަހަރު ދިވެހިންގެ ކަންނެތް ކަމުންނެވެ. ކޮންމެ ގޮތަކަށް ވިއަސް ގެއްލުން ލިބެނީ އަހަރެމެންނަށެވެ.

ލިޔުންތެރިޔާ

Asima Nizar

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ