ކުނި މެނޭޖުކުރުން

މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އުޅަނދުފަހަރު އިތުރުވުން: ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް

ލިޔުނީ: Asima Nizar 25 Jun 2026
މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އުޅަނދުފަހަރު އިތުރުވުން: ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތައް

މާލޭގެ މަގުތަކުގެ ޖާގައަށްވުރެ އިތުރަށް އުޅަނދުފަހަރު ގިނަވަމުންދާއިރު، މިކަން ހަރުދަނާ ނިޒާމެއްގެ ދަށުން ކޮންޓްރޯލްކުރާނެ ސާފު ސިޔާސަތެއް ނެތުމުގެ ސަބަބުން، މަގުތައް ތޮއްޖެހުމާއި ތަޣައްޔަރުވުމުގެ މައްސަލަތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މީގެ ސަބަބުން ވައިގެ ފެންވަރު ދަށްވެ، ވިހަ ގޭސް ބޭރުވާ މިންވަރު އިތުރުވުމަކީ އާންމު ސިއްހަތަށާއި ވެރިރަށުގެ ދިރިއުޅުމުގެ މުސްތަގުބަލަށް ތިމާވެށީގެ ގޮތުން ކުރިމަތިވެފައިވާ ނުރައްކާތެރި ގޮންޖެހުމެކެވެ

މާލޭގެ ކާރުބާރު ބޮޑު ވަގުތުތަކަކީ ހަމައެކަނި ޓްރެފިކް ތޮއްޖެހުމެއް އޮންނަ ވަގުތެއް ނޫނެވެ. މުޅި މާހައުލަށް ވަނީ ވަރުބަލިކަމާއި ބަރުހެލިކަން ވެރިވެފައެވެ. ހަނި މަގުތަކުގައި ސައިކަލުތަކުގެ ކިއޫތައް ދެމިފައިވާއިރު، ކާރުތައް ދަތުރުކުރަނީ ވަރަށް މަޑުމަޑުންނެވެ. އުޅަނދުތަކުގެ ދެމެދުން ދޭތެރެ ހޯދައިގެން މުދާ އުފުލާ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ފައިމަގުގައި ހިނގާ މީހުންނަށް ދުވާރުގެ ބޭނުން ހިފުމަކީ އުނދަގޫ ކަމެކެވެ. ސައިކަލުތައް ދުވާރުމަތީގައި ޕާކުކޮށްފައި ހުރުމުގެ ސަބަބުން، ހިނގާ މީހުންނަށް މަޖުބޫރުވަނީ އުޅަނދުތަކުގެ ވިހަ ދުމުގެ ތެރޭގައި މަގުގެ މެދުން ހިނގާށެވެ. ހިތްގައިމު މާހައުލެއްގެ ބަދަލުގައި މުޅި ސަރަހައްދު ގުގުމާލަނީ ބަރުގޮނުގެ ތޫނު އަޑާއި، އިންޖީނުތަކުގެ އަޑުތަކާއި، ކުއްލި ކުއްލިއަށް ބްރޭކް ޖައްސާ އަޑުތަކުންނެވެ.

ގިނަ ރައްޔިތުންނަށް މިއީ މިހާރު ހަމައެކަނި ދަތުރުފަތުރުގެ ދަތިކަމެއް ނޫނެވެ. މިއީ ނޭވާލާ ވައިގެ ތެރެއިންނާއި، ކަންފަތަށް އިވޭ އަޑުތަކުގެ ތެރެއިން ކޮންމެ ދުވަހަކު ތަހައްމަލު ކުރަންޖެހިފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ.

މާލޭގައި ދިރިއުޅޭ ދަރިވަރެއް ކަމަށްވާ އާދަމް ރިފާއު އަބްދުއްރަހީމްގެ ނަޒަރުގައި، "ބައެއް ފަހަރު ހީވަނީ މާލެއަކީ އިންސާނުންނަށްވުރެ ބޮޑަށް އުޅަނދުފަހަރަށް ހާއްސަކޮށްފައިވާ ތަނެއް ހެންނެވެ. އަހަރެމެންނަށް މަޖުބޫރުވެފައިވަނީ އުޅަނދުތަކުން ބޭރުވާ ވިހަ ދުމުގެ ތެރޭގައި އުޅުމަށެވެ. މިއީ ހަމައެކަނި މަގުތައް ތޮއްޖެހުމެއް ނޫނެވެ. މިއީ ދިރިއުޅެން އުނދަގޫ މާހައުލެއްގައި އަހަރެމެންގެ ދިރިއުޅުން ބަޔަކަށް ވެފައިވާ މިންވަރެވެ".

ދުވަހުން ދުވަހަށް އުޅަނދުތަކުގެ އަދަދު އިތުރުވަމުންދާއިރު، މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ މި ކުޑަކުޑަ ރަށުގެ ތިމާވެއްޓަށް ކަތާނީ ކިހާ އަދަދެއްގެ އުޅަނދަކަށް ބާވައެވެ؟

 

ތިމާވެށީގެ ގޮންޖެހުންތަކުގެ ކުރިމަތީގައި މާލެ ސިޓީ

ދިވެހިރާއްޖޭގެ އެންމެ އާބާދީ ބޮޑު އަދި ތޮއްޖެހުން ބޮޑު ސަރަހައްދަކީ މާލެ ސިޓީއެވެ. މާލެ ސިޓީ ކައުންސިލްގެ 'ވޮލަންޓަރީ ލޯކަލް ރިވިއު 2025' ރިޕޯޓުގައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ ހިމެނޭހެން މާލެ ސަރަހައްދުގެ އާބާދީ 2022 ވަނަ އަހަރާ ހަމައަށް ވަނީ 211,908 އަށް އަރާފައެވެ. މިއީ ރާއްޖޭގެ ޖުމްލަ އާބާދީގެ 41 އިންސައްތައެވެ. މި ބޮޑު އާބާދީ ދިރިއުޅެމުންދަނީ އެންމެ 8.3 އަކަކިލޯމީޓަރުގެ ކުޑަ ބިންކޮޅެއްގައެވެ.

Uploaded image

Uploaded image

ކުޑަ ސަރަހައްދެއްގައި އާބާދީ މިފަދަ މިންވަރަކަށް ބޮޑުވުމަކީ ތިމާވެއްޓަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އާބާދީ އިތުރުވުމާ ގުޅިގެން ދަތުރުފަތުރުގެ ބޭނުންތައް އިތުރުވެ، މަގުމަތީގެ އުޅަނދުފަހަރު ގިނަވުމަކީ އޭގެ ސަބަބުން ވިހަ ގޭސް ބޭރުވުމާއި، އަޑުގަދަވުމުގެ އިތުރުން މާހައުލުގެ ހޫނުމިން މަތިވާ ކަމެކެވެ. މީގެ އިތުރުން، އުޅަނދުތަކަށް ބޭނުންވާ ތެލުގެ މިންވަރު އިތުރުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށް އޮންނަ ޖާގަ ހަނިވުމަކީވެސް ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ.

Uploaded image

މާލެ ސަރަހައްދުގައި އުޅަނދުތައް ކޮންޓްރޯލްކުރުމާ ގުޅޭގޮތުން ހަދާފައިވާ 'ގްރޭޓަރ މާލެ ވެހިކަލް ރެސްޓްރިކްޝަން އެސެސްމަންޓް' އިން ދައްކާގޮތުން، މި ސަރަހައްދުގައި މިހާރުވެސް 119,472 އުޅަނދު ބޭނުންކުރަމުންދެއެވެ. އޭގެ ތެރޭގައި 103,300 ސައިކަލާއި 7,505 ކާރު ހިމެނެއެވެ. މި ދިރާސާގައި ހުށަހަޅާފައިވަނީ މާލޭގައި ދުއްވާ އުޅަނދުތަކުގެ އަދަދު 89,413 އަށް މަދުކުރުމަށެވެ. މީގެ ތެރޭގައި ސައިކަލުގެ އަދަދު 76,518 އަށް އަދި ކާރުގެ އަދަދު 5,610 އަށް ތިރިކުރުން ހިމެނެއެވެ.

މި ހިސާބުތަކަކީ ނުހަނު މުހިންމު ނިޝާންތަކެކެވެ. މިއީ ހަމައެކަނި ޖާގައިގެ ދަތިކަމާ ގުޅިފައިވާ މައްސަލައެއް ނޫނެވެ. ތިމާވެށީގެ ނަޒަރަކުން ބަލާއިރު، މިއީ ވައި ނުސާފުވުމާއި، އަޑުގަދަވުމާއި، އާންމު ބޭނުންތަކަށް ބޭނުންކުރާ ހުސްޖާގަތައް ނެތިދިއުމުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް، ދިރިއުޅުމުގެ ފެންވަރު ދަށްވަމުންދާ މައްސަލައެކެވެ. މާލޭގެ ތިމާވެށީގެ ހާލަތު މިހާރު އޮތީ ކެތްކުރެވޭ މިންވަރަށްވުރެ ބޮޑަށް ގޯސްވެފައިކަން މި ހަގީގަތްތަކުން ހާމަވެއެވެ.

 

                        އުޅަނދުތައް އިތުރުވުމާއި، ވިހަ ގޭސް ބޭރުވާ މިންވަރު އިތުރުވުން

Uploaded image

ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރާ އުޅަނދުފަހަރުގެ އަދަދު އަހަރަކަށްވުރެ އަހަރެއް އަންނަނީ ބާރުމިނެއްގައި އިތުރުވަމުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ތެރޭގައި އެކަނިވެސް އަލަށް 16,153 އުޅަނދު ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރޭގައި 11,773 ސައިކަލާއި 1,731 ކާރު ހިމެނެއެވެ.

މިގޮތަށް އިތުރުވާ ކޮންމެ އުޅަނދަކީ ތިމާވެއްޓަށް ކުރިމަތިވާ އިތުރު ގޮންޖެހުމެކެވެ. ވަކިން ހާއްސަކޮށް، ޓްރެފިކް ތޮއްޖެހުން ބޮޑު މާލެ ފަދަ ސިޓީއެއްގައި، އުޅަނދުތައް މަޑުކޮށްގެން ތިބޭ ވަގުތުތަކުގައިވެސް ތެޔޮ އެންދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދެއެވެ. ސްކޫލްތަކާއި، އޮފީސްތަކާއި، ފިހާރަތަކުގެ އިތުރުން މީހުން ދިރިއުޅޭ ގޭބިސީތަކުގެ ކުރިމަތީގައި އިންޖީނު ނުނިވާ މަޑުކޮށްގެން ތިބޭއިރު، ޖައްވުގެ ތެރެއަށް ވިހަ މާއްދާތައް މެދުނުކެނޑި ފެތުރެމުންދެއެވެ.

އުޅަނދުތަކުން ބޭރުވާ ދުމުގައި ނުރައްކާތެރި 'ފައިން ޕާޓިކިއުލޭޓް މެޓަރ' އާއި، ނައިޓްރޯޖަން އޮކްސައިޑް އަދި ކާބަން މޮނޮކްސައިޑް ފަދަ ވިހަ ގޭސްތައް ހިމެނެއެވެ. ކާރުބާރު ބޮޑު ހަނި މަގުތަކުގައި މި މާއްދާތައް ފަސޭހައިން ފިލައިގެން ނުގޮސް، އާންމުން ދިރިއުޅޭ އަދި ހިނގާބިނގާވެ އުޅޭ ސަރަހައްދުތަކުގައި ހަރުލާފައި ހުރެއެވެ.

    ތިމާވެށީގެ ދާއިރާގެ މާހިރު މުހައްމަދު ހުސައިން ޝަރީފް ބަޔާންކުރައްވާފައިވާ ގޮތުގައި، މާލޭގެ އުމްރާނީ އޮނިގަނޑަކީ މެދުނުކެނޑި އިތުރުވަމުންދާ އެއްގަމު އުޅަނދުތަކުގެ ބާރުބޮޑުވުމަށް ތަހައްމަލުކުރެވޭނެ ފަދަ ޕްލޭނެއް އޮތް ތަނެއް ނޫނެވެ. މީހުން ދިރިއުޅޭ ގޭބިސީތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން މިސްކިތްތައް ފަދަ އާންމު ތަންތަން ކައިރިކައިރީގައި ހުރުމުގެ ސަބަބުން، އުޅަނދުތަކުން ބޭރުވާ ދުން ޖައްވުގެ ތެރެއަށް ފެތުރިގެން ދިޔުމުގެ ބަދަލުގައި އެ ސަރަހައްދުތަކުގައި ހަރުލާފައި ހުރެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޭވާލާ ވައި ނުސާފުވެ، ނޭވާ ހިއްލުމާއި ނޭވާލާ ނިޒާމުގެ އެކި ބަލިތައް އިތުރުވެ، މިއީ އާންމު ސިއްހަތަށް އޮތް ނުހަނު ބޮޑު ނުރައްކަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

Uploaded image

އޭޝިއަން ޓްރާންސްޕޯޓް އޮބްޒަވޭޓަރީ އިން ތައްޔާރުކޮށްފައިވާ ރާއްޖޭގެ ކްލައިމެޓް ޕްރޮފައިލްގައިވާ ގޮތުން، 2022 ވަނަ އަހަރު ދަތުރުފަތުރުގެ ދާއިރާއިން ބޭރުކުރި ކާބަން ޑައިއޮކްސައިޑްގެ 86.1 އިންސައްތައަކީ އެއްގަމު އުޅަނދުފަހަރުން ބޭރުކުރި ގޭހެވެ. މިއީ މުޅި ރާއްޖޭގެ ނިސްބަތް ކަމުގައި ވިޔަސް، މީގެން ދޭހަވަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމުގައި އެއްގަމު އުޅަނދުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުގެ ބޮޑުކަމެވެ.

މާލޭގައި މި ނުރައްކާ އޮތީ ސީދާ އާންމު ރައްޔިތުންނާ ކުރިމަތިލާން ޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގައެވެ. ކާރުބާރު ބޮޑު ގަޑިތަކުގައި ހަނި މަގުތަކުން ހިނގާފައިދާ މީހުންނަށް، މިއީ ހަމައެކަނި ތަފާސްހިސާބެއް ނޫނެވެ. އެއީ މަގުމަތީގައި ތޮއްޖެހިފައިވާ އުޅަނދުތަކުން ބޭރުވާ ވިހަ ދުމުގެ ސަބަބުން ނޭވާލާން އުނދަގޫވެ، ދިރިއުޅުމަށް ކުރިމަތިވެފައިވާ ހިތްދަތި ހަގީގަތެކެވެ.

 

           ވައި ނުސާފުވުމުގެ މައްސަލައިގައި ހުރި މައުލޫމާތުގެ ފަރަގު

މާލޭގެ ވައި ނުސާފުވުމުގެ މައްސަލަ ރިޕޯޓްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މުޅި މާލެ ހިމެނޭހެން މެދުކެނޑުމެއްނެތި ވައިގެ ފެންވަރު ބަލާނެ ނިޒާމެއް ގާއިމުވެފައި ނެތުމާއި، އެފަދަ މައުލޫމާތު އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތެއް ނެތުމެވެ. އެކި ސަރަހައްދުތަކުން ދިގު މުއްދަތަކަށް ވައިގެ ފެންވަރު މޮނިޓަރ ނުކުރެވޭތީ، އުޅަނދުފަހަރު އިތުރުވުމުގެ ސަބަބުން މާލޭގެ ވައިގެ ފެންވަރަށް އައިސްފައިވާ ބަދަލުތައް ސީދާ ދެނެގަތުމަކީ ދަތި ކަމެކެވެ.

ނަމަވެސް، މިހާރު ލިބެން ހުރި ތަފާސްހިސާބުތަކުން ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފާހަގަކުރެވެއެވެ.

ހެންވޭރުގައި ކުރިއަށްގެންދިޔަ (ޕީއެމް 2.5)ގެ ދިރާސާއެއްގައި 93 ދުވަހުގެ މުއްދަތަށް ގޭތެރެއާއި ބޭރުގެ ވައިގެ ފެންވަރު ބަލާފައިވެއެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ބޭރުގެ ވައިގައި (ޕީއެމް 2.5) ހުރި މިންވަރު އެވްރެޖްކޮށް ހުރީ ކިއުބިކް މީޓަރަކަށް 6.5 މައިކްރޯގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން އަހަރީ މިންގަނޑެއްގެ ގޮތުގައި ކަނޑައަޅާފައިވާ 5 މައިކްރޯގްރާމަށްވުރެ މަތީ މިންވަރެކެވެ. މި ދިރާސާއަކީ ވަކި ދާއިރާއަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ދިރާސާއަކަށްވާތީ، މުޅި މާލެ ހިމެނޭހެން ފުޅާ ދާއިރާއެއްގައި ވައިގެ ފެންވަރު ބެލުމުގެ މުހިންމުކަން މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

Uploaded image

މިއީ ހަމައެކަނި އުޅަނދުފަހަރުގެ ސަބަބުން ދިމާވާ ކަމެއްކަން މި ހިސާބުތަކުން އެކަނި ސާބިތެއް ނުވެއެވެ. ސަބަބަކީ އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ހިރަފުހާއި، ކުނި އެންދުމާއި، ސަރަހައްދީ ގޮތުން އުފެދޭ ދުމުގެ އަސަރާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވެސް ވައިގެ ފެންވަރަށް ނުފޫޒު ފޯރުވާތީއެވެ. އެހެންނަމަވެސް، މަގުތަކުގައި އުޅަނދުފަހަރު އިންތިހާއަށް ގިނަ މާލެ ފަދަ ސިޓީއެއްގައި، ދަތުރުފަތުރަކީ ތިމާވެށީގެ ގޮތުން ފަރުވާކުޑަކޮށްލެވެން ނެތް ވަރަށް ބޮޑު ސަބަބެކެވެ.

 

"ނޮއިސް ޕޮލިއުޝަން"

މާލޭގެ މާހައުލު ތަޣައްޔަރުވަމުންދަނީ ހަމައެކަނި އަހަރެމެން ނޭވާލާ ވައިގެ ސަބަބުން އެކަންޏެއް ނޫނެވެ. އަޑުގެ ތަޣައްޔަރުވުމަކީވެސް މިއަދު މި ސިޓީއަށް ކުރިމަތިވެފައިވާ ތިމާވެށީގެ ސީރިއަސް މައްސަލައެކެވެ.

މަގުމަތީގެ ހަލަބޮލިކަމާއި އަޑުގަދަވުމަކީ މިއަދު ވެރިރަށުގެ ދިރިއުޅުމުގެ ބަޔަކަށް ވެފައިވާއިރު، އުޅަނދުފަހަރުގެ ބަރުގޮނުގެ އަޑާއި، މޮޑިފައިކޮށްފައިވާ ސައިކަލުތަކުގެ ބާރު އަޑުތަކުގެ އިތުރުން، އިމާރާތްކުރުމުގެ މަސައްކަތްތަކުން އުފެދޭ ގުގުމުންތަކުން މުޅި މާހައުލު ވަނީ ނުސާފުވެފައެވެ. މި މައްސަލައިގެ ނޭދެވޭ އަސަރު ހަމައެކަނި މަގުމަތީގައި ތިބޭ މީހުންނަށް ކުރާ ކަމަކަށް ނުވެއެވެ. މި އަޑުތައް ގޭގެއާއި، ތަޢުލީމީ މަރުކަޒުތަކާއި، އޮފީސްތަކުގެ އިތުރުން ހޮސްޕިޓަލްތަކުގެ އެތެރެއަށްވެސް ފޯރައި، އެ ތަންތަނުގެ އަމާންކަން ގެއްލުވައިލައެވެ.

"އަޑުގެ އުނދަގޫތައް ހުންނަނީ މެދުނުކެނޑި ފޯރާ މިންވަރުގައި. ރޭގަނޑުގެ އަރާމު ނިދި ލިބެންޖެހޭ ވަގުތުވެސް މަގުމަތީގެ މި ހަލަބޮލި އަޑުތައް ގޭތެރެއަށް ފޯރުމުގެ ސަބަބުން، ނަފްސާނީ ހަމަޖެހުމާއެކު ނިދާލުމަކީ މިއަދު ދަތި ކަމަކަށް ވެއްޖެ."  މާލޭގައި ދިރިއުޅޭ އަޙްމަދު އަފްފާން އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.

ވައި ނުސާފުވުމުގެ މައްސަލައާ އަޅާބަލާއިރު، އަޑުގެ ތަޣައްޔަރުވުމަކީ އާންމުން އެހާ ސީރިއަސްކޮށް ނަގާ ކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން ލޮލަށް ފެންނަން ހުންނަ ފަދަ ސީދާ ގެއްލުމެއް ފާހަގަ ނުކުރެވޭތީ ކަމަށް ވެދާނެއެވެ. ނަމަވެސް، މިއީ ނިދުމުގެ ނިޒާމަށާއި، ކަންކަމަށް ދޭ ސަމާލުކަމަށް ބުރޫއަރައި، ސްޓްރެސް އިތުރުވުމުގެ އިތުރުން ދިގުމުއްދަތުގައި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ސިޓީއެއްގައި، އަޑުގެ ތަޣައްޔަރުވުމަކީ އާންމު ޞިއްޙަތަށް އޮތް ބޮޑު ނުރައްކަލެކެވެ.

 

މާލޭގެ ތޮއްޖެހުން: މަގުތަކުގެ ހޫނުމިނާއި ދިރިއުޅުމުގެ ފެންވަރަށް އޮތް ގޮންޖެހުންތައް

މާލޭގައި އުޅަނދުފަހަރު އިތުރުވަމުންދިއުމަކީ މާހައުލީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމެކެވެ. މަގުތަކުގައި ބޭނުންކޮށްފައިވާ ތާރާއި އުޅަނދުތައް ބާއްވާފައި ހުންނަ ސަރަހައްދުތަކުން ހޫނު ހިފަހައްޓާއިރު، އުޅަނދުތަކުގެ އިންޖީނުން ބޭރުކުރާ ހޫނުގެ ސަބަބުން މާހައުލުގެ ފިނިހޫނުމިން އާދަޔާ ހިލާފަށް މަތިވެއެވެ. މީގެ އިތުރުން، މަގުތަކުގެ ތޮއްޖެހުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހޭދަވާ ވަގުތު އިތުރުވެ، ހާއްސަކޮށް ފައިމަގުގައި އުޅޭ މީހުންނަށް މަގުމަތީގެ ހޫނާއި އުނދަގޫތައް ތަހައްމަލު ކުރަންޖެހޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.

މަގުތަކުގެ ދެފަރާތާއި ދުވާރުތައް ފުރިފައިވާ ސައިކަލާއި ކާރުތަކަކީ ހަމައެކަނި ޕާކިންގް ޖާގައިގެ މައްސަލައެއް ނޫނެވެ. މީގެ ސަބަބުން އާންމުންނަށް މިނިވަންކަމާއެކު ހިނގާބިނގާވެ އުޅުމަށް އޮންނަ ހުސް ޖާގަތައް ގެއްލި، ހިނގާ މީހުންނަށް ދުއްވާ އެއްޗެހީގެ ތެރޭގައި ނުރައްކާތެރިކޮށް ތޮއްޖެހިގެން އުޅެންޖެހެއެވެ. މިކަމުގެ ސަބަބުން ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާންކަމާއެކު މަގުމަތީގައި ހަރަކާތްތެރިވުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.

މިއީ ރަށަކަށް އުޅަނދުފަހަރު އުފުލޭނެ މިންވަރު ނުވަތަ 'ކެރީންގް ކެޕޭސިޓީ' އަކީ ސީދާ ތިމާވެށީގެ މައްސަލައަކަށް ބަދަލުވާ ހިސާބެވެ. އުޅަނދުފަހަރު ކޮންޓްރޯލް ކުރުމުގައި ބަލަންޖެހެނީ ހަމައެކަނި މަގުތަކުގައި ފިޒިކަލްކޮށް ލެވޭނެ އުޅަނދުގެ އަދަދަކަށް ނޫނެވެ. އޭގެ ބަދަލުގައި، ރަށުގެ ވައި ނުސާފުވެ، އަޑުގަދަވެ، އަދި ދިރިއުޅުމުގެ ސިއްހީ މާހައުލު އެކަމުގެ ސަބަބުން ގެއްލިގެން ދިއުމުގެ ކުރިން، މަގުތަކަށް ހަގީގަތުގައި ކެތްކުރެވޭނީ ކިތައް އުޅަނދަށްތޯ ސުވާލު އުފައްދައި، އެކަމަށް ދާއިމީ ހައްލެއް ހޯދަން ޖެހެއެވެ.

 

      ތިމާވެށީގެ މައްސަލަތަކަށް އޮތް ހައްލެއްގެ ގޮތުގައި އާންމު ދަތުރުފަތުރުގެ ނިޒާމު

އުޅަނދުފަހަރުން ބޭރުކުރާ ވިހަ ގޭސްތަކުގެ މިންވަރު މަދުކުރުމަކީ ދަތުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، މީގެ މާނައަކީ މީހުން އުފުލުމުގައި ތިމާވެއްޓާ ރައްޓެހި، އަދި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ސިޓީގެ ތެރޭގައި ގާއިމުކުރަންޖެހޭ ކަމެވެ.

މާލޭގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބަލާއިރު، 2022 ވަނަ އަހަރު ތައާރަފުކުރި "އާރު.ޓީ.އެލް" މިނީ ބަހުގެ ޚިދުމަތަކީ ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ. ނަމަވެސް، ތިމާވެށީގެ ސިޔާސަތުތަކުގެ ނަޒަރަކުން ބަލާއިރު، އަމިއްލަ ސައިކަލާއި ކާރަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭ ފަދަ އިތުބާރު ހުރި ނިޒާމަކަށް މި ޚިދުމަތް ބަދަލުވެފައިވޭތޯ ސުވާލު އުފެދެއެވެ. ބަހުގެ ޚިދުމަތަކީ ގަވާއިދުން، އަވަސް އަދި އަގުހެޔޮ ޚިދުމަތަކަށް ނުވާނަމަ، ގިނަ ރައްޔިތުން އަދިވެސް އިސްކަންދޭނީ އަމިއްލަ އުޅަނދުތައް ބޭނުންކުރުމަށެވެ.

މި މައްސަލައަށް އޮތް ހައްލުތަކުގެ ތެރޭގައި، އިތުބާރު ހުރި އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމާއި، ފައިމަގުގައި އުޅޭ މީހުންނަށް ފަސޭހަކޮށްދިނުމުގެ އިތުރުން ޕާކުކުރުމުގެ ގަވާއިދުތައް ހަރުދަނާކުރުން ހިމެނެއެވެ. މީގެ އިތުރުން، އުޅަނދުތަކުން ދުން ބޭރުކުރާ މިންވަރު ގަވާއިދުން ބެލުމާއި، ރަނގަޅަށް މަރާމާތުނުކުރާ އުޅަނދުތައް ދުއްވުން ކޮންޓްރޯލްކުރުމާއި، ކަރަންޓު އުޅަނދުތަކަށް ހިތްވަރުދިނުން މުހިންމެވެ. އަދި ސްކޫލްތަކާއި ހޮސްޕިޓަލްތައް ފަދަ ކާރުބާރު ބޮޑު ސަރަހައްދުތަކަކީ "ލޯ-އެމިޝަން" ނުވަތަ ވިހަ ގޭސް ބޭރުކުރުން މަދު ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުމަކީވެސް ކުރެވިދާނެ ކަމެކެވެ.

އެހެންނަމަވެސް، މިފަދަ ސިޔާސަތުތައް ތަންފީޒުކުރަންވާނީ ވަރަށް ބޮޑަށް ރާވައިގެންނެވެ. ސަބަބަކީ، ވަޒީފާއަށާއި ތައުލީމު ހާސިލުކުރުމުގެ އިތުރުން އާއިލީ އަދި ވިޔަފާރީގެ އެކި ބޭނުންތަކަށް ގިނަ ބަޔަކު ސައިކަލަށް ބަރޯސާވާތީއެވެ. އެހެންކަމުން، އަމިއްލަ އުޅަނދު ބޭނުންކުރުމަށް އެއްވެސް ހުރަހެއް ކުރިމަތިކުރުވާނަމަ، އޭގެ ބަދަލުގައި އަމަލީ ގޮތުން ބޭނުންކުރެވޭނެ ފަސޭހަ އަދި ފެންވަރު ރަނގަޅު ވަސީލަތްތައް މަގުފަހިކޮށްދޭންޖެހެއެވެ.

 

ހިތްހަމަޖެހުމުގެ ނޭވާއެއްލާނެ ފުރުސަތަކަށް ފެންބޮވައިގެންފައިވާ ސިޓީއެއް

          މާލެ ސިޓީގައި އުޅަނދުފަހަރު ގިނަވުމުގެ މައްސަލައަކީ، އާންމު ގޮތެއްގައި ހަމައެކަނި މަގުތައް ތޮއްޖެހުމުގެ ނަޒަރަކުން ބަލާ މައްސަލައެކެވެ. ނަމަވެސް، ހަގީގަތަކީ ތޮއްޖެހުމަކީ ފެންނަން އޮތް އެންމެ ބޮޑު އަލާމާތް ކަމުގައި ވީނަމަވެސް، އޭގެ ފުރަގަހުގައި ތިމާވެށީގެ ނުރައްކާތެރި އެތައް މައްސަލަތަކެއް ފޮރުވިފައިވާ ކަމެވެ. މީގެ ތެރޭގައި ވައި ނުސާފުވުމާއި، މެދުނުކެނޑި އިވޭ އަޑުތަކުގެ އުނދަގުލާއި، ހޫނުމިން މަތިވުމުގެ އިތުރުން، ހިނގާބިނގާވެ އުޅޭ މީހުންނަށް އޮތް ރައްކާތެރި ޖާގަ ހަނިވުން ހިމެނެއެވެ. މިއަދު މާލެއަކީ އޭގެ ގުދުރަތީ ގާބިލުކަމަށްވުރެ މާ ގިނަ އުޅަނދުތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ސިޓީއެކެވެ.

މި މައްސަލައިގައި އުފެދޭ އަސްލު ސުވާލަކީ ހަމައެކަނި އުޅަނދުތައް އިތުރުވުމެއް ނޫނެވެ. އޭގެ ބަދަލުގައި، ތިމާވެއްޓާއި އާންމު ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކަށް ބެލުމެއް ނެތި، މި މިންވަރަށް އުޅަނދުތައް އިތުރުވަމުން ދިއުމަށް މި ސިޓީގައި ޖާގައާއި ގާބިލުކަން ހުރިތޯއެވެ؟

އުޅަނދުތަކުގެ އަދަދު ކަނޑައަޅާނެ ހަރުދަނާ ސިޔާސަތެއް ނެތި، އާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ނުކޮށް، އަދި ތަޣައްޔަރުވާ މިންވަރު މޮނިޓަރ ކުރެވޭނެ ނިޒާމެއް ގާއިމުނުކުރެވިއްޖެނަމަ، މާލެއަކީ ސިއްހީ ގޮތުން ނުރައްކާތެރި މާހައުލަކަށް ވުމުގެ ބިރު އިންތިހާއަށް އެބައޮތެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް މި ސިޓީގައި، ކުރިމަގުގެ އަމާޒު ހިފަންވީ ހަމައެކަނި އުޅަނދުތަކަށް ޖާގަ ހޯދައިދިނުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އިސްކަން ދޭންޖެހޭނީ އިންސާނުންނަށް ހިތްފަސޭހަކަމާއެކު ދިރިއުޅެވޭނެ އަދި ހަމަނޭވާލެވޭނެ ފަދަ ސަލާމަތްތެރި މާހައުލެއް ބިނާކުރުމަށެވެ.

 

ލިޔުންތެރިޔާ

Asima Nizar

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

އެންމެ ފަހުގެ